ބޮޑުތަކުރުފާނު

ބޮޑުތަކުރުފާނުގެ އާއިލާ

އުތީމު މުޙައްމަދު ތަކުރުފާނަކީ ހިލާލީ ދަރިކޮޅުގެ ރަސްމަތި ބޭފުޅެއްކަމަށް ތާރީޚް ލިޔުއްވާ ބޭފުޅުއް ލިޔުއްވައެވެ. އެއީ ބޮޑުތަކުރުފާނުގެ މުނިކާފައަކީ ބާރަށުގައި އުޅުއްވި ކަޅު ޙަސަންކަލޭގެއެވެ. މިއީ ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އުތީމު ކަޅު އަލި ޚަތީބު ތަކުރުފާނު ނުވަތަ  މުޙައްމަދު ތަކުރުފާނުގެ ކާފާފުޅަކީ މިދެންނެވި ކަޅުޙަސަންގެ އުފަން ދަރިކަލެކެވެ. އަދި މުޙައްމަދު ތަކުރުފާނުގެ ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނަކީ ކަޅުއަލި ޚަތީބު ތަކުރުފާނުގެ އުފަން ދަރިކަލެކެވެ.

ބޮޑުތަކުރުފާނުގެ މާމާފުޅަކީ ( މުންނަ ) އަކީ މާޅޮސްމަޑުލު ހޮރުބަދޫ ބޭކަނބަލެއްކަމަށް ބައެއް ބޭފުޅުން ލިޔުއްވައެވެ. މުޙައްމަދު ތަކުރުފާނުގެ ބައްޕާފުޅު 2 ކައިވެނިކުރެއްވިކަމަށް ތާރީޚުން އެގެއެވެ. ފުރަތަމަ ކައިވެނި ބައްލަވައިގަތީ ހއ. މާރަންދޫ ތޭރަވާ މުދިންކަލޭގެ ދަރި އާމިނާއާއެވެ. މިބަނޑަށް ލިބިލެއްވީ ފާތިމާ ފާނު ( ފަހުން ފާތިމާ ކަނބައިދި ކިލެގެ ) އާއި މަޝްހޫރު އަލިތަކުރުފާނެވެ. އަދި އާމިނާ އަވަހާރަވުމުން ދެވަނައަށް ކާވެނި ބައްލަވައިގަތީ އިހަވަންދޫ ފަގީރު ދައިތަގެ އާމިނާ ދިޔޯއާއެވެ. މިބަނޑަށް މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު ލިބިލެއްވިއެވެ.

–          މުނިކާފަ: ކަޅު ޙަސަން ކަލޭގެ ( ބާރަށުގައި އުޅުއްވި ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެއް )

–          ކާފާފުޅު: ކަޅު ޢަލި ތަކުރުފާނު ( ބައްޕަފަރާތުގެ )

–          މާމާފުޅު: މާޅޮސް މަޑުލު ހޮރުބަދޫ ބޭކަނބަލެއް ( މުންނަ )

–          ބައްޕާފުޅު: ހުސައިން ޚަތީބު ތަކުރުފާނު

–          މަންމާފުޅު: އާމިނާ ދިޔޯ ( ހއ. އިހަވަންދޫ ފަގީރު ދައިތަގެ ދަރި )

ބޮޑުތަކުރުފާނުގެ ނަންފުޅު

ހަމަގައިމުވެސް އެއީ ޤައުމީ ބަޠަލުގެ ނަން ޙައްޤުވާ ފަރާތެވެ. މީގެ އިތުރުން އެފަރާތަށް ކިޔޭ ތަފާތު ނަންނަން އެބަހުއްޓެވެ. އެއީ މީހުން ދޫދޫ މަތިން ކިޔެމުން އަންނަ ނަންނަމާއި އަދި ރަސްކަން ލިބިލެއްވި ފަހުން ކިޔެމުން އައި ނަންނަމެވެ.

–          އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

–          އުތީމު ބޮޑު މުޙައްމަދު

–          އުތީމު މުޙައްމަދު ތަކުރުފާނު

–          ބޮޑުތަކުރުފާނު ( އެއްބައްޕާފުޅު ދެބޭންކުރެ ބޮޑު ތަކުރުފާނު )

–          އުތީމު ކަތީބު ތަކުރުފާނު

–          އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީސަވާދީއްތަ މަހާރަދުން

–          ޣާޒީ ބަންޑާރައިން

–          އުތީމު މަހާރަދުން

–          ޣާޒީ ރަދުން

–          އަލްޣާޒީ މުޙައްމަދު ޝަމްސުއްދީން ( މިނަންފުޅުވެސް ތާރީޚް ލިޔުއްވާ ބައެއް ބޭފުޅުން ބޭނުން ކުރައްވާފައިވޭ )

ބޮޑުތަކުރުފާނުގެ ޚިދުމަތްތަކުގެތެރެއިން

1-      ރަސްމީ ފަތްކޮޅުތައް ( ސިޓީތައް ) ފެށުމުގައި ދަޢުލަތުގެ ނިޝާނެއްގެ ގޮތުން هوالغنى ލިޔުއްވަން ފެއްޓެވުން.

2-      މިނިވަން އިސްލާމީ ދަޢުލަތެއްގެ ގޮތުގައި الد ولةالمحلديبية ރަސްމީގޮތުން އުފެއްދެވި.

3-      ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޯހިމަނުއްވައި މީސްތަކުންގެ މައްޗަށް އިޤްތިޞާދު ހަމަޖެއްސެވުން.

4-      ދިވެހީންގެ މަދަނިއްޔަތާއި ޙަޟާރަތް އަލުން އަނބުރައި އިޢާދަކުރެއްވުން.

5-      އުވިދިޔަ މިސްކިތްތައް އަލުން ބިނާކުރައްވައި އެ މިސްކިތްތައް ބަލަހައްޓަވަން “ބޯގަ” ހަމަޖައްސަވައިދެއްވުން.

6-      ދިވެހި ލަޝްކަރު ( ހަނގު ބޭކަލުން ) އުފައްދަވައި އެމީހުންނަށް ހަނޑުލުން މުސާރަދެއްވަން ފެއްޓެވުން.

7-      މާލޭގައި ދިފާޢީ ޙަމަލާގެ ބުރުޒުތައް ބިނާކުރައްވައި ދިވެހި ލަޝަކަރަށް ހެވިކަމުގެ ތަމްރީނުދެއްވަން ފެއްޓެވުން.

8-      ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޝާފިޢީ މަޒުހަބަށް ހިންގަވާން ފައްޓަވައި މާލޭގައި ފަނޑިޔާރުކަމުގެ މަރުކަޒު ބިނާކުރެއްވުން.

9-      ރާއްޖެތެރެއަށް ހުއްދަފަތް (ފަރުޟް، ޙަރާމް، ޙަލާލު، ސުންނަތް އެންގެވި ލިޔުން) ފޮނުއްވުން.

10-  ރާއްޖޭގައި ފުރަތަމަފަހަރަށް ލީގަލް ޓެންޓަރެއް (ޤާނޫނީ ފައިސާ) ތަޢާރަފުކުރެއްވުމުގެ ގޮތުން ދިގުލާރި ޖެއްސެވުން.

11-   ތާނައަކުރު ލިޔުއްވަން ފެއްޓެވުން.