މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު

`

Maleeh

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށާއި ނާއިބްރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށާއި އުތީމުގެ އެންމެހާ ލޮބުވެތި ރައްޔިތުންނާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޤައުމީ ދުވަހުގެ މުބާރަކްބާދީއާއި ތަހުނިޔާ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަރިސްކުރަން.

އަޅުގަނޑުމެން މިއަދުގެ ޤައުމީ ދުވަސް ފާހަގަ މިކުރަނީ، ޕޯޗްޤީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރައްވައި ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވި މިދުވަހުގެ ޝަރަފު ޙައްޤުވެގެންވާ ބޮޑުތަކުރުފާނު އުންވި ތިލަދުންމަތީ އުތީމުގައި. އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ދަރިވަރު ވަރަށްވެސް ފުރިހަމައަށް ސިފަކޮށްދެއްވި ފަދައިން މިދުވަސް ރަމްޒުކޮށްދެނީ މިރީތި ދޮންވެލި ދިވެހި ފަސްގަނޑަށް ބޮޑުތަކުރުފާނުގެ ހިތްޕުޅުގައިއޮތް ވަރުގަދަ ލޯތްބާއި ދިވެހިންނަށްޓަކައި އެތަކުރުފާނުގެ ހިތްޕުޅުގައިއޮތް ޤަދަރާއި އިޙްތިރާމް.

އެހެންކަމުން މިއަދު ރާއްޖޭގެ ޤައުމީ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު އެތަކުރުފާނަށާއު އެތަކުރުފާނުގެ ހިތަވަރުގަދަ ފަހުލަވާނުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ މަތިން ހަނދާންކުރަންޖެހޭ. އެ ތަކުރުފާނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި މާތްރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

އަޅުގަނޑުމެން މި އަހަރުގެ ޤައުމީ ދުވަސް މިފާހަގަ ކުރަނީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ތާރީޚުގައވެސް ނުދެކޭފަދަ ދަތި އުދަނގޫ ދުވަސްތަކަކަށްފަހު. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އަޅުގަނޑުމެންގެ މިއެކުވެރި އެއްބައިވަންތަ ޤައުމު މިވަނީ ބައިބައިވެފަ. އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު އަލުން ބިނާކުރަންޖެހި އަޅުގަނޑުމެންގެ ޤައުމިއްޔަތު އިތުރަށް ވަރުގަދަ ކުރަންޖެހިފައި. އައު ރޫހަކާއި އަޒުމަކާއކު މިފެށުނު މީލާދީ އައު އަހަރާއެކު، ބޮޑުތަކުރުފާނު ފަދަ ޤައުމީ ބަޠަލުން މިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލާއި ޤައުމިއްޔަތަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ މަތިން ހަނދާންކޮސް ފިލާވަޅު ލިބިގަންނަށް ޖެހޭ.

މިގޮތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު އެއްކަމަކީ ހަރުދަނާ ޤައުމިއްޔަތެއް ބިނާކުރުން. ހަރުދަނާ ޤައުމިއްޔަތެއް ބިނާކުރުމުގައި ކޮންމެހެން ބޭނުންވާ މައިގަނޑު ރުކުންތަކެއް އެބަހުރި. އެޤައުމިއްޔަތު ބިނާކުރެވޭނީ މާތްވެގެންވާ އިސްލާމްދީނާއި އިންސާނީ ޙައްޤުތަކާއި އަޅުގަނޑުމެންގެ ޘަގާފަތާއި އާދަކާދައާއި އަދި މިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއެއީ ޤައުމިއްޔަތުގެ މައިގަނޑު ރުކރުންތައް ކަމަށް ދެކިގެން. އަޅުގަނޑުމެން އެންމެން ގެ އަމާޒަކަށްވާންވީ މިދެންނެވި ކަންތައްތައް ދިރުވައި އާލާކުރުން. މިރާއްޖޭގެ ޤައުމިއްޔަތު އަލުން ބިނާކުރުން. ދިވެހި ޤައުމަށްޓަކައި އަދި ދީނަށްޓަކައި ފުރާނައިން ޤުރުބާންވެ ވަޑައިގެން ރިވެތި ނަމޫނާ ދެއްކެވި ބޮޑުތަކުރުފާނު ފަދަ ޤައުމީ ޝަޚްސިއްޔަތުން ދެއްކެވި މަގުން އަޅުގަނޑުމެން ހިނގަންޖެހޭ. ޤައުމަށް އިޚްލާސްތެރިވެ ޤައުމީ މަޞްލަހަތަށް އިސްކަންދީގެން އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ.

މިދެންނެވި އަމާޒަށް ވާސިލްވުމުގެ އެންމެ މުޙިންމު ބިންގަލަކީ ދިވެހި ޒުވާނުން. އަޅުގަނޑިމެންގެ ޤައުމިއްޔަތު ބިނާކޮށް ހިފަހައްޓައި އަންނަށްއޮތް ޖީލުތަކަށް މިޤައުމިއްޔަތުގެ ރުކުންތައް ފޯރުކޮށްދެވޭނީ އަދުގެ ޒުވާނުން ހަރުދަނާ ހަރަކާތްތެރި ޤާބިލް ބަޔަކަށް ހަދައިގެން. ނަމަވެސް ހިތާމަޔަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާން ނިކަމެތިވެ ޒުވާނުންގެ މުސްތަޤުބަލް މިވަނީ ކަޅު ބޯވިލާގަނޑެއްގެ ދަށުގައި. މަސްތުވާތަކެތީގެ ވަބާގައި ޤައިދުވެ ތިބި ނުރައްކާތެރި ގުރޫޕުތަކާއިގުޅި މާރާމާރީއާއި މީހުން މެރުންފަދަ ބޮޑެތި ކުށްތަކަށް ޖެހިލުމެއްނެތި އަރައިގަންނަ އެތަކެއް ޒުވާނުންނެއް މިވަނީ މުޖުތަމަޢުއަށް ބޮޑު ބުރައަކަށް، ބޮޑު ބިރަކަށް ވެފައި.

ޒުވާނުންނަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުން  އަރައިގަނެވޭނީ އެ މީހުނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީގެން ތަޢުލީމީ ފުރުޞަތުތައް އިތުރަށް ފުޅާކޮށް ޤައުމު ބިނާކުރުމުގައި އެމީހުންގެ ދައުރަށް އިސްކަން ދީގެން.

މިގޮތުން މިސަރުކާރުގެ ފާއިތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި މިވަނީ އެކަން ހާސިލްކުރުމަށް މަސައްކަތްތަކެއް މިހާރުވެސް ފަށާފައި. ވަޒީފާ ނެތް ޒުވާނުންގެ ދަފްތަރެއް އެކުލަވާލަން ފެށިފައި. އަދި މިހާތަނަށް މާލޭންނާއި އަތޮޅުތަކުން އެތަކެއްހާސް ޒުވާނުންނެއް މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާއިރު ސަރުކާރުގެ އަމާޒަކީ ދަފްތަރުގައި ޖެހިފައިވާ ހުރިހާ ޒުވާނުންނަށް ވަޒީފާ ހަމަޖައްސަދިނުން. މީގެ އިތުރުން ވަޒީފާއަށް ދާން ބޭނުން ނުވާ ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ޕްރޮގުރާމްތަކެއް ހިންގުމަށްވެސް ސަރުކާރުން މިވަނީ ރާވާފައި.

ޖަލުތަކުގައި ދައުލަތަށާއި އެތަކެއް އާޢިލާތަކަށް ބުރައަކަށް ވެފައިވާ ޒުވާނުން އަލުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށްޓަކައި ސަރުކާރުން މިވަނީ އެމީހުން ސަރުކާރުގެ އެކި މަޝްރޫޢުތަކާއި މަސައްކަތްތަކުގައި ބައިވެރިކުރުމަށް ޙާއްޞަ ޕްރޮގުރާމެއް ފަށާފައި. އަދި މިނޫނަސް އެތަކެއް ފުރުޞަތުތަކެއް ޒުވާނުންނަށް ފަހިކޮށްދީ ޒުވާނުންނަކީ ޤައުމު ބައްޓަންކޮސް ޤައުމުގެ މުސްތަޤުބަލު ބިނާކުރުމުގެ ހުންގާނުގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުގެ މައިގަނޑު އެއްއަމާޒު.

ނަމަވެސް މިފަހުރުވެރި ޤައުމީ ދުވަހު އަޅުގަނޑުގެ އިލްތިމާސަކީ މިދެންވި މަޤްޞަދު ހާސިލް ކުރުމަކީ ސަރުކާރުގެ ނުވަތަ ސަރުކާރު ހިންގަވަން ހުންނެވި ވެރިއެއްގެ ހަމައެކަނި ޒިންމާ ކަމުގައި ނުދެކި މިޤައުމުގެ އެންމެހާ ރައްޔިތުން އެކީގައި އަތުކުރި އޮޅާލައިގެން އެއްއަޒުމެއްގައި މަސައްކަތްކޮށް މިޤައުމުގެ ޒުވާނުންނަކީ ޤައުމަށްފައިދާހުރި ޒިންމާދާރު އަދި އުފެއްދުންތެރި ބަޔަކަށް ހެދުން.

ނިންމާލުމުގެ ކުރީގައި މިޖަލްސާ މިހާފުރިހަމަކޮށް ރޭއްވެވުމުގައި އުތީމުގެ ރައްޔިތުންނާއި ކައުންސިލުން ކުރެއްވި ބުރަމަސައްކަތާއި އަދި ދެއްކެވި އެއްބައިވަންތަކަމުގެ ލާމަސީލު މިސާލު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފާހަގަކުރަން.

ދިވެހި މިފަސްގަނޑުގައި އުފެދުނު ޤައުމީ ޢަބްޠާލުންގެ ޒިކުރާ އަޅުގަނޑު އާކުރަން. އެބޭފުޅުން ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ އަގު ވަޒަން ކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ޤައުމީރޫހާއި އެކުވެރިކަންމަތީ ބިނާވެގެން ހިނގަމުން އަންނަ ޤައުމިއްޔަތަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ އުއްމީދުތައް ހަޤީގަތަކަށްވެ މި ލޮބުވެތި ދިވެހިރާއްޖެއަށް އަދަށްވުރެ ފާގަތި މުސްތަޤްބަލެއް ލިބުން.

މާތްﷲ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް ޚިމާޔަތް ކުރައްވާށި. އަޅުގަނޑުމެންގެ ޤައުމުގެ އަމަންއަމާންކަމާއި ޤައުމިއްޔަތާއި މަޞްލަޙަތު ޙިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން

ވައްސަލާމް އަލައިކުމް ވަރަހުމަތުﷲ ވަބަރަކާތުހ

ޚިޔާލު ފާޅުކުރެއްވުމަށް