އުތީމު ގަނޑުވަރު

އުތީމު ގަނޑުވަރަކީ ޙުސައިން ޚަތީބު ތަކުރުފާނު އުޅުއްވި ގެކޮޅެވެ. އުތީމު ތިންބެއިންނާއި ފާޠިމާފާނު އުޅުއްވާ ބޮޑުފުޅުވީ މިގެކޮޅުގައެވެ. މިގެކޮޅު ބިނާކުރެއްވި ވަކިތާރީޚެއް ކަނޑައެޅިގެން އެނގޭކަށްނެތެވެ. ނަމަވެސް ޢިމާރާތްކުރެވުނީ އައްސުލްޠާން ކަޅުމުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރުގައެވެ. (މިރަދުން ތިންފަހަރެއްގެ މަތިން ރާއްޖޭގެ ރަސްކަން ކުރެއްވިއެވެ އެއީ މީލާދީން 15 ވަނަ ޤަރުނުގެ ފަހުކޮޅުގެ އަހަރުތަކުގައްޔާއި، 16 ވަނަ ޤަރުނުގެ ކުރީކޮޅުގެ އަހަރުތަކުގައެވެ.) އިހުގައި މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައިހުރީ ބިމަށް ކާނިމުޑިޖަހައި، ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި، އަރިވަކަރު އަޅައި އެވަކަރުތަކަށް މެއްލަޖަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ނަމަވެސް ދަމާދޮރު ލާފައިހުރި ބިތްތައް މިހާރުވެސް ފެންނަށް އެހުރީ އޭރު ހުރިގޮތަށް ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައިހުރީ ބިތްފަނުންނެވެ.